އަދުލުވެރިކަމާއި ނަޒާހަތްތެރިކަމުގައި ރަސޫލާ ދެއްކެވި ނަމޫނާ

މިހާރު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:09

ރިޝްވަތާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ހިޔާނަތްތެރި ވުމާއި އާންމު މުދާ ގެއްލުވާލުމާއި ހިދުމަތްތަކާއި ފުރުސަތުތައް ދިނުމުގައި ތިމާގެ ކަމާއި ރައްޓެހި ކަމަށް ބަލައިގެން ދިނުން ފަދަ ފަސާދައިގެ ތެރޭ ހިމެނޭ ކަންކަމަކީ މުޖުތަމައުގެ ވަބާ އެކެވެ. މިކަމުގެ ހައްލެއްގެ ގޮތުގައި އިސްލާމް ދީން ހުށަހަޅައިދެނީ އަދުލުވެރިކަމާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ދަމަހައްޓައި ދެފުށް ފެންނަ ގޮތުގައި ކަންކަން ކުރިއަށްދާ މުޖުތަމައެއް އުފެއްދުމަށެވެ.

މި ކަމަށް ބޭނުންވާ އެންމެހާ އިރުޝާދުތައް ދެއްވައި މީގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވައި ދެއްވީ އާލަމްތަކަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވި ނަބިއްޔާ މުހައްމަދު ﷺ އެވެ. އެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުނާސަބަތު އިހުތިފާލު ކުރަމުންދާ ހިނދު އެކަލޭގެފާނުގެ ސިޔަރަތުން ލިބޭ ފިލާވަޅުތަކަށް ނަޒަރެއް ހިންގާލުމަކީ މުހިންމު ކަމެކެވެ. ފަސާދައިން އެއްކިބާވެފައިވާ މުޖުތަމައެއް ގާއިމު ކުރުމަށް އެކަލޭގެފާނު ދެއްވި އިރުޝާދާއި ދެއްކެވި ނަމޫނާ އަށް ބަލާއިރު މުހިންމު ކަންތައްތަކެއް ފާހަގަ ވެ އެވެ.

ކީރިތި ނަބިއްޔާ ﷺ ނަބީ ކަމައިގެން ފޮނުއްވުމުގެ ކުރިން ވެސް އަމާނާތްތެރިއެއްގެ ލަގަބު ލިބިވަޑައިގެންފައި ވެ އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށްޓަކައި މީސްތަކުންގެ ވަދީއާތައް އެކަލޭގެފާނާ ހަވާލު ކުރައްވަ އެވެ. އަމާނާތްތެރިކަމަކީ ﷲ އެކަމަށް މީސްތަކުންނަށް އަމުރު ކުރައްވާފައިވާ ކަމެކެވެ. (އައްނިސާއު 58). މީހެއްގެ ކިބައިން އަމާނާތްތެރިކަމުގެ ސިފަ ނެތި ހިގައްޖެ ނަމަ އެއީ މުނާފިގުންގެ އަލާމާތެއްގެ ގޮތުގައި ވެގެންދެ އެވެ (މުއްތަފަޤު ހަދީސެއް). މުޖުތަމައެއް ފަސާދަވާން ފަށާ ހިސާބަކީ އަމާނާތްތެރިކަން ގެއްލޭ ހިސާބެވެ.

މައުޟޫޢުތަށް