ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް"
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:34
ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރު ޝާހިނާ އަލީއަށް އޭޝިއާގެ "ނޮބެލް ޕްރައިޒް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ރެމޮން މެގްސޭސޭ އެވޯޑް ލިބިއްޖެ އެވެ.
ރެމޮން މެގްސޭސޭ އެވޯޑް ފައުންޑޭޝަންގެ ވެބްސައިޓުގައި ބުނީ ޝާހިނާއަކީ ވަރަށް ޅައުމުރުން ފެށިގެން ތިމާވެއްޓަށް ލޯބިކުރާ އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. ހާއްސަކޮށް، ޕްލާސްޓިކް ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އޭނާ ކުރައްވާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
ޕްލާސްޓިކް ކުނި މަދުކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސްގައި އޭނާގެ ލީޑާޝިޕްގެ ދަށުން ރަށްރަށުގެ އާންމުންނާއި ސްކޫލްތަކާއި ވިޔަފާރިތަކާ ގުޅިގެން ޝާހިނާ ކުރައްވާފައިވާ މަސައްކަތްތައް ވެސް އެ ފައުންޑޭޝަނުން ފާހަގަކޮށްފައިވެ އެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ސާފުކުރުމުގެ 700 އަށް ވުރެ ގިނަ ޕްރޮގްރާމް މިހާތަނަށް ހިންގާފައިވެ އެވެ. ރަށްރަށުގައި ޕްލާސްޓިކް ކުނި މަދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ. އަދި ތިމާވެށީގެ އިލްމު ކުރިއެރުވުމަށް 70 އަށް ވުރެ ގިނަ ސްކޫލާ ގުޅިގެން އެކި މަސައްކަތްތައް ވެސް ވަނީ ކުރައްވައިފަ އެވެ.