ކޭޕާކްގެ ހަތަރު އެޕާޓްމެންޓެއް 30 ދުވަސް ތެރޭ ހަވާލުކުރަން ހުކުމެއް
މިހާރު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:58
ކޭޕާކުން ވިއްކި ހަތަރު އެޕާޓްމަންޓެއް އޭގެ ވެރިފަރާތާ 30 ދުވަސް ތެރޭ ހަވާލުކުރަން އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން އެތައް ބަޔަކަށް މަކަރާއި ހީލަތް ހެދުމުގެ ބޮޑެތި ތުހުމަތުތަކާ އެކު ތަހުގީގު ފަށާފައި ވާއިރު، ފްލެޓް ގަތް ގިނަ ބަޔަކު ވަނީ ކޯޓަށް މައްސަލަތައް ހުށަހަޅައިފަ އެވެ.
އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.