އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
މިހާރު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:01
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހަނދާނުގައި ތައުޒިޔާ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފި އެވެ.
މަޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް އެ ދަފްތަރުގައި ސޮއިކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ދަފްތަރުގައި ސޮއިކުރުން އޮންނާނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފުލޯގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.