ގައުމީ ކޯޗު މޯހަންގެ ފުރަތަމަ މެޗު: ނަތީޖާއަށް ވުރެ އޭނާ އުފާކުރީ ޓީމުން ކުރި މަސައްކަތާ މެދު
މިހާރު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:23
ލަންކާއާ ދެކޮޅަށް ރާއްޖޭން ހޯދި ތިން ލަނޑުގެ ލީޑަށް ވުރެ އޭނާ އަށް މުހިންމީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މިއަދުގެ މެޗަކީ، މިދިޔަ މަހު ފަހުކޮޅު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޯހަން ހެޑް ކޯޗުގެ ގޮތުގައި ރާއްޖެ ގޮވައިގެން ނުކުތް ފުރަތަމަ މެޗެވެ. ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އިންތިޒާމުކޮށް ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ މެޗުގެ ނަތީޖާ އަށް ވުރެ އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކުޅުންތެރިން ކުރި މަސައްކަތް ފެނުމުންނެވެ. އޭނާ ބުނި ގޮތުގައި ލަންކާގެ މައްޗަށް ތިން ލަނޑުން މޮޅުވިޔަސް، އެ ގައުމާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވި އެވެ. އެކަމަކު އެ ނަތީޖާ ނުކުތީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަން އޭނާ ފާހަގަ ކުރި އެވެ.