ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލްކޮށް، އަލުން މަޝްވަރާއަށް

މިހާރު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:31

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލްކޮށް، އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ނިންމައިފި އެވެ.

ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ވެސް ނިންމި އެވެ.

ސީއެސްސީން މިއަދު އެ ސާކިއުލާ ބާތިލްކޮށް، ނެރުނު އިއުލާނުގައިވަނީ އެ ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.

މައުޟޫޢުތަށް