ހަނގުރާމައިގެ ޖަރީމާތައް އެހެން ބަޔަކު ތަހުގީގުކުރުމާ ލަންކާ ދެކޮޅު
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 5:27
ސްރީ ލަންކާގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވި ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގުވާމީ ޓީމެއްގެ ބެލުމުގެ ދަށުން ތަހުގީގުކުރުމަށް ގޮވާލާފައި ވާތީ ލަންކާއިން އެކަމާ ދެކޮޅުހަދައިފި އެވެ.
ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު، ޖެނީވާގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވީ، އދ.ގެ "އެކައުންޓަބިލިޓީ ޕްރޮޖެކްޓް" އާ ދެކޮޅު ކަމަށެވެ. އެއީ ލަންކާގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށް، ދައުވާކުރުމަށް ބޭނުންވާ ހެކި އެއްކޮށް، ރައްކާކުރުމާ ބެހޭ ގޮތުން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަގެ ސަރުކާރުން ނަސްލީ ދެކޮޅުވެރިކަން ނައްތާލައި މައްސަލަތައް ހައްލުކުރުމަށާއި ޖުޑީޝަރީގެ މިނިވަންކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.