ވަކި ސަރަހައްދަކަށް އަމާޒުކޮށް ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ރިފަރެންޑަމް ބިލް ކޮމިޓީން ފާސްކޮށްފި
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 1:28
ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުތައް ވަކި ސަރަހައްދުތަކެއްގައި ވެސް ނެގޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލު ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ބަދަލު ގެނެސް، ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ވެސް ބިލު ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން އެފަދަ ވޯޓެއް ނަގާ ނަމަ އެ ވޯޓެއް ނަގަން ނިންމާ ތާރީހާއި ވޯޓު ނަގާ ދުވަހާ ދެމެދު އޮންނަންޖެހޭ މުއްދަތުތަކަށް ވެސް ކޮމެޓީން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ވަކި ސަރަހައްދެއްގައި ނަގާ ވޯޓުތައް އެ އުސޫލުން އިސްތިސްނާވާނެ އެވެ.