ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
މިހާރު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 3:47
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅުއްވާތީ މަޖިލީހުން 15 ދުވަހުގެ ނޯޓިހެއް ދިން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި އެވެ.
މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، މާލީ ބަޔާން ހުށަނާޅާތީ 15 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހެޅުމަށް މަޖިލީހުން ނޯޓިސް ދިނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށެވެ.
އެ ފަސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓަށް މިހާރު އަޕްލޯޑް ކޮށްފައި އެބަހުއްޓެވެ.