ލުއި ކުދިންނަށްވުރެ އާދަޔާޚިލާފަށް ފަލަ ކުދިން ފުރަތަމަ ފަހަރަށް ގިނަވެއްޖެ
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 11:00
ހުންނަން ޖެހޭ ބަރުދަނަށް ވުރެ ލުއިކޮށް ތިބޭ ކުޑަކުދިންނަށް ވުރެ، ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް ފަލަވެފައިވާ [އޮބީސް] ކުދިންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެފައިވާ ކަމަށް ޔުނިސެފުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ސަތޭކަ ނުވަދިހަ ގައުމަކުން މައުލޫމާތު އެއްކޮށްގެން ކުރި ސާވޭ އަކަށް ފަހު "ފީޑިން ޕްރޮފިޓް، ހައު ފުޑް އެންވަޔަރްމެންޓްސް އާ ފެއިލިން ޗިލްޑްރަން" މި ނަމުގައި އާއްމުކުރި ރިޕޯޓްގައިވާ ގޮތުން ސްކޫލަށް ދާ އުމުރުގެ 188 މިލިޔަން ކުދިން ނުވަތަ އެ އުމުރުގެ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ މިހާރު އެކަށީގެންވާ ވަރަށް ވުރެ ބަރު ކުދިންނެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ލުއިކުދިންގެ ނިސްބަތް 2000 ވަނަ އަހަރު 13 ޕަސެންޓްގައި ހުރުމަށް ފަހު މިހާރު ވަނީ 9.4 ޕަސެންޓަށް ވެއްޓިފަ އެވެ.
އޮބީސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ބަލިތައް ކުދިންނަށް ޖެހުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރުދެމުން ރިޕޯޓްގައި ބުނީ އެކަށީގެންވާ ވަރަށް ވުރެ ބަރުދަން ލުއި ކުދިންނަށް ވުރެ އޮބީސްވުމުގެ މައްސަލަ ބޮޑުނުވެ މިހާރު އޮތީ މުޅިި ދުނިޔެއިން ވެސް އެންމެ ދެ ސަަރަހައްދެެއްގަ އެވެ. އެއީ ސަބްސަހާރަން އެފްރިކާ އާއި ދެކުނު އޭޝިއާ ސަރަހައްދެވެ؛