ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަނީ
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 1:38
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ ޝަރީއަތުގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމަން ހަމަޖައްސައިފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް، 2023 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން މިއަދު މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކުރީ ދެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އެ ދެ ހެކިންގެ ހެކިބަސް މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަހާއެކު ނަގަން ދައުލަތުން ވަނީ އެދިފަ އެވެ.