ބޮޑު ބަދަލެއް: އެންމެ ގިނައިން ބޭނުންކުރާ މޭވާ، ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަން ނިންމައިފި
މިހާރު
10 ސެޕްޓެމްބަރު 2025 | ބުދަ | 6:41
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
މިއީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އެހެން ގިނަ ބާވަތްތަކެއް ދާއިމީކޮށް އެސްޓީއޯ އިން އެތެރެކޮށް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ކުންފުނިން އަސާސީ ބޭނުންތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ރައީސް މުއިއްޒު މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު މިއަދު ނިންމާފައިވާ ކަމަށެވެ.