ވިލާ ކޮލެޖުގައި އައިސީއެސްއާރުއައި ކޮންފަރެންސް ކުރިއަށް ދަނީ
މިހާރު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:26
ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ، ބައިނަލްއަގުވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިންނޮވޭޝަން ކޮންފަރެންސް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އިއްޔެ ފެށި އެ ކޮންފަރެންސް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ. އައިސީއެސްއާރުއައި ކޮންފަރެންސަކީ ގައުމީ ތަރައްގީގެ އަމާޒުތަކާއި، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ދިރާސާތައް ގުޅުވައިދޭ، ރާއްޖޭގެ އެންމެ ބޮޑު ރީސަޗް ކޮންފަރެންސެވެ.
މިއަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ "ސިނާޖީސް އޮފް ޑިސްކަވަރީ: އިގްނައިޓިންގް ސޮލޫޝަންސް ފޯ ދަ ފިއުޗާ" މި ޝިއާރުގެ ދަށުންނެވެ. މިއަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ، އެކި ދާއިރާތަކާއި ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ ދިރާސާތަކުން، ހާއްސަކޮށް ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. އެ ކޮންފަރެންސްގައި އެންމެން ޝާމިލުވާ ތަރައްގީ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށް ބަލާނެ އެވެ.