ހިޝާންގެ މައްޗަށް ދައުވާ ނުކުރީ ހެކި ނެތިގެންނެއް ނޫން، މުއްދަތު ފަހަނައަޅައި ދިއުމުން: ޕީޖީ
މިހާރު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:55
އާއްމު އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރި މައްސަލައިގައި ދައުވާ ނުކުރީ ހެކި ނެތިގެން ނޫން ކަމަށާއި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހިޝާންގެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ދައުވާ ކޮށްދޭން އެދި 2020 ވަނަ އަހަރު ފުލުހުން އެ މައްސަލަ ފޮނުވި ކަމަށެވެ. އަދި އޭރު ލިބިފައި ހުރި ހެކިތަކަށް ބަލާއިރު ވެސް ދައުވާ ކުރެވޭ ވަރަށް ބައެއް ކުދިންނާ ގުޅޭ ގޮތުން ހެކި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ހެކި ހުރި މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ ދައުވާ ނުކުރެވުނީ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގެ އެ މައްސަލަ ކުރިއަށް ނުގެންދެވުނީ، އޮފިޝަލް ވިދާޅުވި ގޮތުގައި އެކަންކަން ހިނގިތާ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވުމުންނެވެ.