ބޮޑީބޯޑިން އާ އެކު ކެރަންޑޫ މުބާރާތުން މާބައިދުއަށް އީދެއް!
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 11:06
ފުރަތަމަ ފަހަރަށް ބޮޑީބޯޑިން އިވެންޓް ހިމަނައިގެން، ލ. މާބައިދޫގައި މިއަހަރުގެ ގައުމީ ސާފް ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ، "ކެރަންޑޫ" ފަށައިފި އެވެ.
ބުދަ ދުވަހު ފެށި މުބާރާތުގައި ބޮޑީބޯޑިން އިވެންޓްގެ އިތުރުން، ޝޯޓްބޯޑް ފިރިހެން އޯޕަން އަދި ފިރިހެން ޖޫނިއާ އިވެންޓް ހިމެނެ އެވެ. ޝޯޓްބޯޑް އޯޕަން ބައިގައި 25 ސާފަރުން ވާދަ ކުރާއިރު، ޖޫނިއާ ބައިގައި 18 ސާފަރުން ވާދަކުރެ އެވެ.
ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރަށް 12 އެތުލީޓުން ހޮވިފައި ވާއިރު، ހަތަރު ހީޓު ކުރިއަށް ދާނެ އެވެ. ފުރަތަމަ ހީޓުގައި ވާދަކުރާނީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި އަހުމަދު ލުޒެއިން އެވެ. ދެވަނަ ހީޓުގައި އަޅާނީ މުހައްމަދު ފާރިޒް އާއި މުހައްމަދު އިނާން އަބްދުލް ހަންނާން އަދި މުހައްމަދު ނުސްރަތެވެ. ތިންވަނަ ހީޓުގައި އަހްޒަމް ރަޝީދާއި އަހުމަދު އާގިލް (އަމްނަޑޭ) އަދި ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ހިމެނޭ އިރު، މު ބުރުގެ ފަހު ހީޓުގައި ވާދަކުރާނީ އަހުމަދު ހިޝާމް ޝަހީމް އާއި ސައްޔިދު ސަލާހުއްދީން އަދި އައިހަމް އަދުނާން އެވެ.