ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކުރި ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އަންގައިފި
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 12:24
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ، އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން މިއަދު ވަގުތީ ގޮތުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން އެލްޖީއޭ އިން އެ ކައުންސިލަށް މިރޭ އަންގައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެ މާއްދާ އަށް ރިއާޔަތްކޮށް، އެލްޖީއޭ އިން ބުނިގޮތުގައި، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނާ ހިލާފެވެ.