ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި
މިހާރު
12 ސެޕްޓެމްބަރު 2025 | ހުކުރު | 9:46
ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހަދާފައިވާ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް ތާއީދުކުރުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއީ ފަލަސްތީނާއި އިޒްރޭލު ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި މި ފަހުން ކުރި އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާ މި ގަރާރަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 142 ގައުމަކުން ވަނީ ތާއީދުކޮށް ވޯޓު ދީފަ އެވެ. ދެކޮޅަށް 10 ވޯޓު ދީފައި ވާއިރު އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ. ވޯޓުގައި 12 ގައުމަކުން ބައިވެރިއެއް ނުވެ އެވެ.