ކުރީގެ ފިރިމީހާގެ ތިން ބިލިއަން ޑޮލަރުގެ ތަރިކަ މުދަލުން ކަރިޝްމާ އެކައްޗެއް ވެސް ބޭނުމެއް ނުވޭ: ވަކީލުން
މިހާރު
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:46
ކުރީގެ ފިރިމީހާގެ ތިން ބިލިއަން ޑޮލަރުގެ އަގުހުރި ތަރިކަ މުދަލުން ކަރިޝްމާ ކަޕޫރް އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލުން އިއްޔެ ބުނެފި އެވެ.
ކަރިޝްމާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރަށް ސްޓްރޯކެއް ޖެހިގެން ކުއްލި ގޮތަކަށް މަރުވީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާއަކީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ އޮޓޯމޯޓިވް އިންޑަސްޓްރީގައި ވަރުގަދަ ވިޔަފާރިވެރިއެކެވެ.
ސަންޖޭ އާއި ކަރިޝްމާގެ ދެ ކުދިން ތިބެ އެވެ. ސަންޖޭ މަރުވުމުން އެ ކުދިން ވަނީ އޭނާގެ ތަރިކަ މުދާ ބެހުމުގެ މައްސަލަ އިންޑިއާގެ ދިއްލީގެ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެއާ އެކު، ސަންޖޭ މަރުވި އިރު އޭނާ އިނދެގެން އުޅުނު ޕްރިޔާ ސަޗްދޭވްއާ ވަނީ އެކަން ބޮޑު މައްސަލައަކަށް ހަދައިފަ އެވެ. ޕްރިޔާއަށް ވެސް ސަންޖޭގެ ކުއްޖަކު ހުރެ އެވެ.