އިސްލާމީ ވެރިންގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް
މިހާރު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:51
ގަތަރުގައި ބާއްވާ އިމަޖެންސީ އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓުގައި، ރައީސް ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މާދަމާ ބާއްވާ އެ ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ރާއްޖެ އާއި ގަތަރާ ދެމެދު އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.