އިސްލާހުތަކާ އެކު ވަރަށް ރަނގަޅު މީޑިއާ ބިލެއް އަންނާނެ: ނާޒިމް
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 11:38
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަ އިސްލާހުތަކާ އެކު، އެއީ ވަރަށް ރަނގަޅު ބިލަކަށް ވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުން މީޑިއާގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ކަމުގެ ކަންބޮޑުވުން ނޫސްވެރިން ދަނީ ފާޅުކުރަމުންނެވެ. ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލަމުން ދަނީ ނޫސްވެރިންނާ މަޝްވަރާނުކޮށް، އެކުލަވާލި އެ ބިލުގައި އިސްލާހު ކުރެވޭ ވަރަށް ވުރެ މައްސަލަތައް ގިނަ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނާޒިމް ވިދާޅުވީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިހާތަނަށް ފެނިވަޑައިގެންފައިނުވާ ކަމަށާއި އެކަމަކު ގަބޫލު ކުރައްވަނީ އާންމުންގެ ހިޔާލާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހެޅި ހިޔާލަށް ރިއާޔަތްކޮށް ވަރަށް ރަނގަޅު ބިލެއް ތަޅުމަށް ފޮނުވާނެ ކަމަށެވެ.