ދައުލަތަށް ނުލިބި ހުރި ފައިސާއިން 1.2 ބިލިއަން ރުފިޔާ ހޯދައިފި
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 10:52
ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މީރާ އިން ރިކަވާކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ގުޅައިގެން 828 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ. އަދި އެކައުންޓު ފްރީޒް ކޮށްގެން 21 މިލިއަން ރުފިޔާ ހޯދުނު އިރު ރިމައިންޑާ ދިނުމަށް ގުޅައި، އީމެއިލްކޮށްގެން 139 މިލިއަން ރުފިޔާ ހޯދުނު ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާރު ވެސް މީރާ މެދުވެރިކޮށް ލިބެން ޖެހި ނުލިބި 14.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހިމެނެ އެވެ. ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ނުލިބި 3.2 ބިލިއަން ރުފިޔާ ހުރި އިރު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބެންޖެހެ އެވެ.