މީޑިއާ ބިލަށް އިސްލާހުތަކާއެކު ވޯޓަށް އެހުމުން ހޫނުވެ، ކޮމެޓީ މެދުކަނޑާލައިފި
މިހާރު
15 ސެޕްޓެމްބަރު 2025 | ހޯމަ | 6:15
މީޑިއާ ރެގިއުލޭޝަން ބިލްގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވޯޓަށް އެހުމާ އެކު މަޖިލީހުގެ ބައެއް މެންބަރުންނާއި ނޫސްވެރިން އިހުތިޖާޖްކުރަން ފެށުމުން ކޮމެޓީ މެދުކަނޑާލައިފި އެވެ.
އާއްމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، މިއަދު ފުރަތަމަ އޮތީ ބިލަށް އިސްލާހު ހުށަހަޅަން ކޮމިޓީގެ މެންބަރުންނަށް ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަަސީމް ވަކިވަކިން ހުށަހެޅުއްވީ ބިލުގެ ގިނަ މާއްދާތަކެއް އުނިކުުރުމަށެވެ.
އެ ހުށަހެޅުންތަަކަށް ކޮމިޓީގެ ބައްދަލުވުުމުގައި ވޯޓަށް ނޭހީ ތާއީދުކުރައްވާނެ މެންބަރަކު ނުވުމުންނެވެ. އެ ހިސާބުން ކޮމިޓީގެ މުގައްރިރު، އަދި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވީ ބިލަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކު ބިލު ފާސްކުރުމާ މެދު ވޯޓަށް އެހުމަށެވެ. އެގޮތަށް ވޯޓަށް އެހުމާއެކު، ބިލް ބޭރުކުރަން ގޮވާލައި އެމްޑީޕީ މެންބަރުން އަޑު އުފުލަން ފެށި އެވެ. އަދި ކޮމެޓީ ރޫމުގައި ތިބި ނޫސްވެރިން ވެސް އެގޮތަށް އިހްތިޖާޖްކުރި އެވެ.