އަސްވާޑް ވިދާޅުވަނީ ނޫސްވެރިން އެދުނު ހުރިހާ އިސްލާހެއް ގެނެސްފި ކަމަށް; އިސްލާހުތައް އަދި ހާމައެއް ނުކުރޭ
މިހާރު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 8:58
މީޑިއާ ބިލުގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ގޮތާއި ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް ބައި ބިލުން އުނިކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.
މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހިޔާލު ވަރަށް ބޮޑަށް ދެކަފި ވެފައިވާއިރު، އެ ބިލަށް ތާއީދުކުރާ ފަރާތްތައް ގުޅިގެން މީރުމާ މާލަމުގައި ބޭއްވި "މީޑިއާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން އަސްވާޑު ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު، އެ ބިލްގައި މިހާރު މީޑިއާ މާނަކޮށްފައި އޮންނަނީ "ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށް" ކަމަށެވެ. އެހެންކަމުން ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ވެސް ހިމެނެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްލާހުތަކާ އެކު، މީޑިއާ ބިލް ފާސްކުރި ނަމަވެސް އެ އިސްލާހުތައް މަޖިލިހުގެ އިދާރާ އިން އަދި ހާމަނުކުރާތީ އޭގެ އެއްވެސް ތަފުސީލެއް ނޭނގެ އެވެ.