އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަންނާތީ ޔޫރަޕުން ވެސް އިންޒާރު
މިހާރު
18 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:28
އިންޑިއާއާ އެކު ގުޅުން ބަދަހިކުރުމަށް ޔޫރަޕްގެ އިއްތިހާދުން ކުރާ މަސައްކަތަށް، އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަތުމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް އެ އިއްތިހާދުގެ އިސް ޑިޕްލޮމެޓް ވިދާޅުވެއްޖެ އެވެ.
އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށާއި ދިފާއީ ދާއިރާ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް، 27 ގައުމު ހިމެނޭ އީޔޫ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
"އެކަމަކު މި ގުޅުން ހަމައެކަނި ބިނާވާނީ ވިޔަފާރީގެ މައްޗަކަށް ނޫން. އެކަމަކު ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތައް ދިފާއުކުރުމުގެ މައްޗަށް،" ގުޅުންތައް ބަދަހިކުރުމާ ބެހޭ އާ ޕޮލިސީއެއް ތައާރަފްކުރުމަށް ބްރަސަލްސްގައި ބޭއްވި އިވެންޓެއްގައި އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކަލަސް ވިދާޅުވި އެވެ.