ހަދީސެއްގެ އަލީގައި: ތަރުބިޔަތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން
މިހާރު
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:21
މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނުގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ އެ ކަމަނާ އަށް ހަދީސް ކުރެއްވި އެވެ. "އޭ ޢާއިޝާ އެވެ! މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރައްވާށެވެ! ފަހެ ހަމަކަށަވަރުން މާތް ﷲ ގެއެއްގެ އަހުލުންނަށް ހެޔޮގޮތް މެދުވެރި ކުރައްވަން އިރާދަ ކުރައްވައިފި ނަމަ އެ މީހުންނަށް މަޑުމައިތިރިކަމާއި އޯގާތެރި ކަމަށް މަގު ދައްކަވާނެ އެވެ." އެހެން ރިވާޔަތެއްގައި ވާ ގޮތުން "...އެމީހުންގެ ތެރެއަށް މަޑުމައިތިރިކަމާއި އޯގާތެރިކަން ވައްދަވަތެވެ." (އިމާމް އަޙުމަދު)
މި ހަދީސްގައި މާތް ނަބިއްޔާ ﷺ އާއިޝަތުގެފާނަށް އެ އަމުރު ކުރައްވަނީ ކޮންމެ ކަމެއްގައި ވިއަސް މީހުންނާ މުއާމަލާތު ކުރާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރުމަށެވެ. އެއީ ބަހާއި އަމަލުގައި ހަރުކަށި ކަމާއި ގަދަފަދަ ކަން ބޭނުން ނުކުރުމެވެ. އަދި ގެއެއްގެ މީހުންނަށް ހެޔޮގޮތް އިރާދަކުރައްވައިފި ނަމަ އެ ގޭގެ މީހުންގެ ކިބައިގައި މި ސިފަ (ރިފްޤު ގެ ސިފަ) ﷲ ލައްވާނެ ކަމަށެވެ. މީގެ މައްޗަށް މީހުން ތަރުބިޔަތު ވެއްޖެ ނަމަ އެއީ ﷲ އެ މީހުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ ކަމުގެ ދަލީލެއް ކަމެވެ. މި ހަދީސްގައި ބަޔާންވެފައި މިވާ ރިވެތި ސިފައަކީ އިސްލާމީ ދައުވަތާއި ތަރުބަވީ މައިދާނުގައި ވަކިން ހާއްސަކޮށް ބޭނުންތެރި ސިފައެކެވެ. ސަބަބަކީ އިންސާނުން ލައްވައި ކަންކަން ގަބޫލު ކުރުވުމާއި އެ ގަބޫލުކުރުންތަކުގެ މައްޗަށް ސުލޫކު ބައްޓަން ކުރުވުމަކީ ހަރުކަށި ކަމާއި ގަދަފަދަކަން ބޭނުންކޮށްފިއްޔާ އޭގެ ނަތީޖާ މުޅިން ގޯސްވެގެން ދާނެ ކަމެކެވެ.
ހަދީސްގައި ބަޔާންވެފައިވާ "ރިފްޤު" އަކީ މީހުންނާ މުއާމަލާތު ކުރުމުގައި ނިޔަނެތިކަމާއި އޯގާތެރިކަމާއި ކުލުނާއި ފަސޭހަގޮތާއި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ދިއުމާއި ހެޔޮގޮތުގައި މުއާމަލާތު ކުރުމާއި ހަމަހިމޭންކަން ފަދަ، މަޑުމައިތިރިކަމާއި އޯގާތެރިކަމަށް ބާރު ލިބޭ ކޮންމެ ސިފައެއް ދެމެހެއްޓުމެވެ. ހަމައެއާއެކު، އަނެއްކޮޅުން ހަރުކަށި ކަމާއި ގަދަފަދަ ކަމާއި ރުޅިވެރިކަމާއި ދަތި އުނދަގޫ ގޮތާއި ނުބައި ގޮތުގައި މުއާމަލާތު ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ. ގޭތެރޭގެ މުއާމަލާތު ތަކުގައި މަޑުމައިތިރިކަމާއި އޯގާތެރިކަން ބޭނުން ކުރާ ނަމަ އެއީ ހެޔޮކަމުގެ ތަޅުދަނޑިއެއް ލިބުން ފަދަ ކަމެކެވެ. ﷲ ގެ ހަޒުރަތުން ބަރަކާތާއި ހެޔޮކަން އެގެޔަކަށް ވަންނާނެ ކަމެކެވެ.