ވެރޯނާ އިން ޔުވެންޓަސް ހުއްޓުވިއިރު، މިލާނަށް މޮޅެއް
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:43
އިޓާލިއަން ލީގުގައި ރަނގަޅު ފެށުމެއް ހޯދި ޔުވެންޓަސް ރޭ ކުޅުނު މެޗުން ހެލަސް ވެރޯނާއާ 1-1 އިން އެއްވަރުވިއިރު، އޭސީ މިލާނުން އުދިނޭޒީ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.
ޔުވެންޓަސް ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި އިންޓަ މިލާން އަތުން 4-3 އިން މޮޅުވުން ވެސް ހިމެނެ އެވެ. އެހެންވެ އެ ޓީމު އޮތީ ފޭވަރިޓެއްގެ ގޮތުގައި ދަރަޖަކޮށްފަ އެވެ.
އެކަމަކު ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޔުވެންޓަސް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ކޯޗު އިގޯ ޓުޑޯ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަން ކަމަށާއި، އެކަމަކު ޝަކުވާއެއް ނެތް ކަމަށެވެ. މިދިޔަ ހަފުތާގައި އިންޓައާ ދެކޮޅަށް ކުޅުމަށް ފަހު ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ކުޅެ 4-4 އިން އެއްވަރުވި ޔުވެންޓަސްގެ ކުޅުންތެރިން ތިބީ މެޗުގެ ފަހުކޮޅު ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.