ފ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް
މިހާރު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:38
ބޭންކް އޮފް މޯލްޑިވްސް އިން ފ. ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ އެންމެ ޒަމާނީ ފެންވަރުގެ ސެލްފް-ސާވިސް އޭޓީއެމްގެ ހިދުމަތް ގާއިމުވުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުއިފަސޭހަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.