100 އަހަރުގެ ކަތީބުދޮންބެގެ ހިތަކީ ނިލަންދޫގެ ތިޖޫރި
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 11:23
އުމުރުން 100 އަހަރުވެ ގައިބާރު ދެރަވެފައި ވިޔަސް ފ. ނިލަންދޫ އަތިރީގޭ، އަހްމަދު މޫސާ (ކަތީބު ދޮންބެ) އަށް ވުރެ ވަކި އިތުބާރު ކުރެވޭނެ މީހަކު މަދުވާނެ އެވެ. ރަށު މީހުންގެ ބަހުން ނަމަ އެ އަށް ވުރެ އަމާނާތްތެރިއަކު ނުދެއްކޭނެ އެވެ. އޭނާގެ ހިތަކީ ގިނަ ޒަމާންވަންތަކެއް ވަންދެން އެ ރަށުގެ ގިނަ ބައެއްގެ ތިޖޫރި އެވެ. މަކަރާއި އޮޅުވާލުމެއް އަދި މީހަކަށް ލަނޑެއް ދޭވަރަށް ވުރެ މާ ހިތްހެޔޮ މީހެއް ކަން ގަބޫލުކުރެވޭތީ އެންމެން ވެސް ފައިސާ ރައްކާކުރަން ދެނީ ކަތީބު ދޮންބެގެ އަތަށެވެ.
އެ ފައިސާގެ ބޭނުން ޖެހިގެން އަނބުރާ ނަގަން އައުމުން ހަވާލުކުރާނީ އެ މީހަކު ކަތީބު ދޮންބެގެ އަތަށް ދިން ނޫޓެވެ. އެހާވެސް އޭނާ އަމާނާތްތެރި އެވެ.
ނިލަންދު އަށް މިދިޔަ ހަފުތާގައި ކުރި ދަތުރުގައި ކަތީބު ދޮންބެގެ ވާހަކަ އަޑު އިވިގެން ބައްދަލުކުރަން ދިޔައިރު، ރޯގާ ޖެހި ބަލިކޮށް އުޅޭތީ މާ ގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އެކަމަކު ވަރަށް އުނދަގުލުން ދެއްކި ވާހަކަތަކުން ވެސް އެނގުނީ އެ އުމުރުގައި އޭނާގެ ހަނދާން ވަރަށް ގަދަ ކަމެވެ.