މީޑިއާ ކޮމިޝަނުގެ އިންތިހާބާ ބެހޭ ގަވާއިދު ގެޒެޓްކޮށްފި
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 10:53
މިމަހުގެ ކުރީކޮޅު އަމަލުކުރަން ފެށި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފި އެވެ.
ގަވައިދުގައިވާ ގޮތުން މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރާ މެންބަރުންގެ އިންތިހާބަށް ހުޅުވައިލުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ލިބޭނީ 10 ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް، އިންތިހާބުގައި ވާދަކުރެވޭކަން ނުވަތަ ނޫންކަން އީސީން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހެ އެވެ.
މީޑިއާގެ ފަރާތުން އައްޔަންކުރާ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން ހޮވަން ވޯޓުދެވޭނީ ބްރޯޑްކާސްޓަރުންނަށް އެކަންޏެވެ. އަދި މީޑިއާތަކުން ދެން ހޮވާ މެންބަރުން އިންތިހާބުކުރުމަށް ބްރޯޑްކާސްޓަރުންނަކަށް ވޯޓެއް ނުދެވޭނެ އެވެ.