ގާނޫނާ ހިލާފު ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގާ މީހުން ޓޮލަރޭޓެއް ނުކުރާނަން: ސީޕީ
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:52
ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކަމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ހިންގި "ކުރަނގި" އޮޕަރޭޝަނުން އެނގޭ ގޮތުގައި ރާއްޖޭގައި 178,000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. މީގެ ތެރޭގައި ތިބި ގާނޫނާ ޚިލާފަށް އުޅޭ މީހުން ވަގުތުން ޑީޕޯޓްކުރަން ނިންމައި ހާއްސަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން މި ހަފުތާގައި ވަނީ ފަށައިފަ އެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އެ އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ނަވީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ފުލުހުން ޓޮލެރޭޓްކުރާނެ ކަމެއް ނޫން ކަމަށެވެ. އެ މީހުންގެ ފައިދާ ނަގާ މީހުން ވެސް ޓޮލެރޭޓްނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.