ފަނޑިޔާރުންނަކީ ނަމޫނާ އަހްލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބައެއް: އުއްތަމަ ފަނޑިޔާރު
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:32
ފަނޑިޔާރުންނަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ތަފާތު އަދި ނަމޫނާ އަހްލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ފަނޑިޔާރުކަމުގެ ޒިންމާއަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަރަށް ގިނަ އުސޫލުތަކެއް ފަނޑިޔާރުން ހިފަހައްޓަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންނަކީ އެހެން މީހުންނަށް ނަމޫނާއެއް ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ ހިފެހެއްޓުންތައް ފަނޑިޔާރުން ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުގެ އެހެން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާ ވެސް ތަފާތު މިންގަނޑެއް ގެންގުޅުއްވާ ބަޔަކަށް ފަނޑިޔާރުން ވާން ޖެހޭނެ. އެހެންކަމުން ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތަކަކީ ވަރަށް ލިމިޓް ކުރެވިފައިވާ މިންގަނޑެއްގެ ތެރޭގައި އޮންނަންޖެހޭ އުޅުންތަކާއި ގުޅުންތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.