ފެނާންޑޭޒްގެ ޕެނަލްޓީން ހިތްދަތިކަން، ޔުނައިޓެޑުގެ ތިންވަނަ ބަލި
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:26
ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، މެވްޗެސްޓާ ޔުނައިޓެޑް 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވެއްޖެ އެވެ.
މެޗު ނިމެން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކުރަން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ފެނާންޑޭޒް ފޮނުވާލުމުން ބްރެންޓްފޯޑްގެ ގޯލްކީޕަރު ކޯއިމިން ކެލެހާ ވަނީ ދިފާއު ކޮށްފަ އެވެ. މިއީ މި ސީޒަންގައި ފެނާންޑޭޒް އަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ. ފުރަތަމަ ނާކާމިޔާބުވީ މިދިޔަ މަހު ފުލަމްއާ އެއްވަރުވި މެޗުގަ އެވެ.
ބްރެންޓްފޯޑް ވަނީ ފުރަތަމަ 20 މިނިޓު ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ގޯލު ވެސް ޖަހައިދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު 26 ވަނަ މިނިޓުގައި ޖަހައިދިނީ ސްލޮވޭނިއާ ފޯވާޑް ބެންޖަމިން ސެސްކޯ އެވެ. މިއީ 89 މިލިއަން ޑޮލަރަށް ގެނައި ފޯވާޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.