ބިޑަކާ ނުލައި، ފެނަކައަށް އަޑީތެޔޮ ގަތުމަށް ކުރީގެ މެމްބަރު އަނދުން ހުސައިންގެ ކުންފުންޏަށް 112 މިލިއަން
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:21
ވާދަވެރި ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުން ފެނަކަ ކޯޕަރޭޝަނަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ހިންގާފައި އޮތް ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށްފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓް އާއްމުކުރީ އިއްޔެ ރޭ މެންދުމުގެ ވަގުތެއްގަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައި ވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ ގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 19 ވަނަ މަޖިލީހުގެ މެމްބަރު އަނދުން ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.