ހޯލް ސޭލް ފިހާރަ އެނދުމުން، ލިލީއަށް 30 މިލިޔަން ރުފިޔާގެ ބޮޑު ގެއްލުމެއް!
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:32
މާލޭގެ މަސް މާރުކޭޓު ކައިރީގައި ހިންގާ "ލިލީ ސަޕްލައި ބާޒާރު 1" ފިހާރައިގައި ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން، އެ ފިހާރަ ހުރި ދެބުރީގެ އިމާރާތް މުޅިން އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ލިބުނު ގެއްލުން 30 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ލީލީ އިންޓަނޭޝަނަލުން ބުނެފި އެވެ.
ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތުގެ ފުރާޅާ އެކު އަނދައި، ހަލާކުވެފައިވާ ކަމަށާއި އެ ތަން ދެން ޖެހޭނީ އެއްކޮށް ތަޅާލަން ކަމަށެވެ. ހާދިސާ ހިނގި އިރު އެ ތަނުގައި ހުރި މުދަލުގެ އަގު 10 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލްޑިންގާއި އެތާ ހުރި އެއްޗިއްސާ އެކު ބަލާއިރު އެއީ 30 މިލިއަން ރުފިޔާގެ ގެއްލުން. އެ ތަނުގައި ހުރި މުދަލުގެ އަގު އެކަނި ވެސް 10 މިލިއަން ރުފިޔާ އަށް އަރާ،" އާމިރު ވިދާޅުވި އެވެ.