ފެނަކަ ހުލިކޮށްލާއިރު ބަލަހައްޓައިގެން ނުތިބެ އޯވަހޯލް ކުރަންޖެހޭ!
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 8:46
ފެނަކައިގެ ތެރޭގައި 2021-2023 އާ ހަމައަށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ބަޔާންކޮށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ ހަފުތާގައި ނެރުއްވި އޮޑިޓް ރިޕޯޓާ އެކު މުޅި ގައުމުގައި މިހާރު އޮތީ އެ ވާހަކަ އެވެ. އޮޑިޓް ރިޕޯޓުގެ ސޮފުހާތައް އެއްލަމުން ދާއިރު ކޮންމެ ސޮފުހާއަކުން ކަހަލަ ގޮތަކަށް ފެންނަނީ މާސިންގާ ޖަރީމާތަކެވެ. ބަޔަކަށް މާލީ މަންފާތަކެއް ހާސިލް ކޮށްދޭން ކޮށްފައި ހުރި ކަންކަމެވެ.
އެކަމަކު، އެއާ އެކު ސިކުނޑީގައި ބަހައްޓަންވީ ކަމަކީ މިއީ އިއްޔެއަކު ނޫނީ މިއަދު އެކަނި ވެގެން އުޅޭ ކަމެއް ނޫން ކަމެވެ. ފެނަކަ އުފެދުނީއްސުރެ މިހާ ހިސާބަށް ކޮންމެ ވެރިކަމެއް ނިންމާލަނީ ފެނަކަ "ހުލިކޮށްލައިފަ" އެވެ. ކޮންމެ ވެރިކަމެއް ނިމުމާ އެކު، ފަތު އަޑު ކިޔާފައި އެންމެން ދައްކަނީ ކުރީގެ ވެރިކަމުގައި އެ ކުންފުނި "ނޮޅައިލި" ވާހަކަ އެވެ. އެކަމަކު، އަދަބުގެ ނަތީޖާ ސުމެކެވެ.
މިހާރު އެންމެންގެ ދުލުކުރީގައި އޮތީ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (ފެނަކަ ސައީދު) ގެ ނަމެވެ. އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް އެތައް ބަޔަކު އެ ވާހަކަ ދައްކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 22 އަށް ވުރެ ގިނަ މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ރިޕޯޓެއް އޭސީސީން ފޮނުވި އެވެ. އެކަމަކު، ވެރިކަން ނިމުމާ ހިސާބަށް ވެސް ސައީދު ފެނުނީ ކުރިއަށް ވުރެ "ބާރުގަދަ" ކޮށެވެ. ދިފާއުގައި ވިދާޅުވީ އެއީ ސިޔާސީ ގޮތުން ބަޔަކު ޖައްސާލައިގެން ކުރި ކަމެއް ކަމަށެވެ.