ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް!
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:28
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވުމާ އެކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށެވެ. އެހެންވެ، ކަމާ ގުޅޭ މާއްދާ އަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.