ރައްޔިތުންނަށް ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންގެ ކޮރަޕްޝަނަށް ދޭންވީ އެންމެ ބޮޑު އަދަބު: ފަނޑިޔާރު
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:39
ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހަދާފައިވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ސާބިތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ކުށަކާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް، ފެނަކަން ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ މައްޗަށް އިއްޔެ އިއްވެވި ހުކުމުގައި ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ ސައީދުގެ މައްޗަށް އިއްޔެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، މަސައްކަތް ނިންމި ކަމުގެ ލިޔުން ވެސް ނުލިބެނީސް ފައިސާ ދިނުމާއި 2019 ވަނަ އަހަރު އެ މީހުންނާ އެކު އާ އެއްބަސްވުމެއް ހަދައި ފައިސާ ދެމުން ދިޔަ މައްސަލައިގަ އެވެ.
މި ދައުވާ މަރްޔަމް ދީނާ ސާލިހް، ފުވައްމުލަކު ހޯދަޑު/މައިޒާންގެ މައްޗަށް ވެސް ކުރެ އެވެ. އެކަމަކު ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވާން އުޒުރުވެރިވެ އެކަމާ ބެހޭ ލިޔުންތައް ހުށަހެޅުމުން ދީނާގެ މައްޗަށް ފަސް ދުވަސް ފަހުން ހުކުމް އިއްވަން ނިންމައި އިއްޔެ ހުކުމްކުރީ ސައީދުގެ މައްޗަށް އެކަންޏެވެ.