ކައްދޫ އެކްސިޑެންޓް: ސައިކަލު ދުއްވި މީހާއަށް ދައުވާކުރަން ޕީޖީއަށް
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 1:34
ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާނެވެ.
އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގަ އެވެ.