އެޗްއެސްސީ ޕޭޕަރު ކޮމްޕްރޮމައިޒް ނުވޭ، ދޭހަ އެއްގޮތްވީ އިއްތިފާގަކުން: މިނިސްޓަރު
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 2:11
ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު އަދި އިއްޔެ އޮތް ދިވެހި މާއްދާގެ އިމްތިހާނުގައި، ސީއެޗްއެސްއީގެ ދަރިވަރުން ތައްޔާރުވާން ހެދި ރިވިޝަންގެ ސުވާލުތައް އައި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއީ، ސީއެޗްއެސްއީގެ ޓީޗަރު ތައްޔާރުކުރި ސުވާލު ކަރުދާހެއް ކަމަށް ބުނެ، އެ މާއްދާގެ އިމްތިހާނުގެ ފެންވަރާ މެދު އާއްމުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް "މިހާރު" އަށް ވިދާޅުވީ އެ ޓެސްޓު ޕޭޕަރު ހެދީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގައި ފުލްޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. އެ ކަރުދާހުގައި ސީއެޗްއެސްއީގެ އެއްވެސް ޓީޗަރެއްގެ ބައިވެރިވުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.