އާސެނަލްގެ ކިބައިން ފެނުނީ ތަށި ބޭނުންވެފައިވާ މިންވަރު: އާޓެޓާ

މިހާރު

29 ސެޕްޓެމްބަރު 2025 | ހޯމަ | 5:19

ލަންޑަން (ސެޕްޓެމްބަރު 29) - ރަށުން ބޭރުގައި ރޭ ފަހު ވަގުތު 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުން ފެނުނީ އާސެނަލް ކުޅުންތެރިން ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވެފައި ތިބި މިންވަރު ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

ފުރަތަމަ ހާފުގައި ނިކް ވޯލްޓްމޭޑް ޖެހި ލަނޑުން ނިއުކާސަލް މޮޅުވާން ދަނިކޮށް އާސެނަލް ނަތީޖާ އެއްވަރު ކުރީ 84 ވަނަ މިނިޓުގައި މިކެލް މެރީނޯ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ކައިރިން ކުޅުނު ކޯނަރަކުން ޑެކްލަން ރައިސް ނަގައިދިން ހުރަހަކުންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ނަގައިދިން ކޯނަރުން އާސެނަލް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އެވެ.

"ސީޒަން ފެށި އިރު އުނދަގޫ މެޗުތަކެއް އަހަރެމެންނަށް ޖެހުނީ، މިއަދު އަހަރެމެންނަށް މި ފުރުސަތު ލިބުނީ ކުރީގައި އުޅޭ ޓީމުތަކާ ފަރަގު ކުޑަކުރަން. އަދި މިކަން މި ކުރެވުނީ މާޒީގައި އަހަރެމެންނަށް އުނދަގޫ ނަތީޖާތަކެއް ލިބިފައި ހުރި ދަނޑެއްގައި. މި މެޗުން ދައްކުވައިދިނީ ކުޅުންތެރިން [ލީގުން] މޮޅުވާން ބޭނުންވެފައި ތިބި މިންވަރު." އާޓެޓާ ބުންޏެވެ.

މައުޟޫޢުތަށް