ސްކޭމް ގޭންގެއްގެ 16 މީހަކު މަރަން ޗައިނާގައި ހުކުމްކޮށްފި
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 7:31
މިއަންމާގެ ކޮކަންގް ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހަދައިގެން ކުށުގެ އެކި އަމަލުތައް ހިންގަމުން ދަނިކޮށް އަތުލައިގަތް އާއިލީ ގޭންގެއްގެ 16 މެންބަރަކަށް ޗައިނާއިން މަރުގެ ހުކުމް އިއްވައިފި އެވެ.
ގޭންގުތަކުން ގެންދަނީ ގާނޫނުތައް ތަންފީޒުނުވާ، މިޔަންމާ-ޗައިނާ ބޯޑަރު ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހަދައި އެކަން ވަރަށް ފުޅާކޮށް، ބިލިއަން ޑޮލަރުގެ ޣައިރު ގާނޫނީ ވިޔަފާރިއަކަށް ހަދައިފަ އެވެ. އެހެންވެ ޗައިނާއިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ ގުޅިގެން އެތައް ހާސް ބަޔަކު އަތުލައިގަނެ ޗައިނާއަށް ގެންގޮސްފަ އެވެ.
ވެންޒޫ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރުގެ އަދަބު ދިން މީހުން ނިސްބަތްވާ ގޭންގަކީ 2015 ވަނަ އަހަރުން ފެށިގެން ސައިބާ ފްރޯޑް، ޑްރަގް ޓްރެފިކިން، ހަށިވިއްކުން އަދި ކެސިނޯ ހިންގުމާއި އެނޫން ވެސް ކުށްތަކުގައި އުޅޭ ބައެއް ކަމަށެވެ. މި ގޭންގުން ކުށުގެ އަމަލުތައް ހިންގުމުގައި ހަތިޔާރު އެޅި މީހުންގެ އެހީ ވެސް ހޯދާ ކަމަށާއި އެ މީހުން މިހާތަނަށް 14 މީހަކު މަރާފައިވާ ކަމަށް ވެސް ކޯޓުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނުގައިވެ އެވެ.