އަނިޔާގައި ހުރި ހާއްޕެއަށް އަދާކުރި އިހްތިރާމުން ލޮލުން ފާއްދާލީ ކަރުނަ
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 6:59
ގައުމީ ފުޓްސަލް ޓީމުގެ މެޗުގެ ތެރެއިން އަލީ ހާފިޒު (ހާއްޕެ) ގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެން، މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އޭނާ ނުފެންނާނެ އެވެ. ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)ގެ ޓީމުގެ އެންމެ މުހިންމު ނަމަކީ ހާއްޕެ އެވެ.
މުބާރާތް ފެށުމުގެ ގޮތުން އާދިއްތަ ދުވަހުގެ ރޭ އާރުއާރުސީ އާއި އެސްޓީއޯ އާރުސީ ބައްދަލުކުރި މެޗުގެ ކުރިން، ކްލަބް މޯލްޑިވްސް އިން ވަނީ ހާއްޕެގެ އަގުވަޒަންކޮށް ހާއްސަ އައްޑަނައެއް ދީފަ އެވެ. ކްލަބް މޯލްޑިވްސްގެ ޗެއާމަން މޫސާ ރަމީޒް (ރަމީ) އެ ހާއްސަ ޝީލްޑް ހަވާލްކުރި ވަގުތު ހާއްޕެ އަށް އިހްތިރާމާއި ތަރުހީބު އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނެވެ. އެ ވަގުތު ހާއްޕެ އަށް ކަރުނަ ހިފަހައްޓައި ނުލެވުނެވެ. އަިޔާއާ ގުޅިގެން ހިނގަން ބޭނުން ކުރާ ދެ ދަނޑިގަނޑުގެ އެހީގައި ކޮޅަށް ހުރެ، ދެ އަތުން ވާގިލައި ދަނޑިގަނޑަށް ގައިގައި ހުރި ހުރިހާ ބާރެއް ދޫކޮށް އިސްތިރިކޮށްލީ، ލޮލުން ފާއްދާލި ކަރުނަތައް ފޮރުވުމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުސަލް ކުޅުންތެރިޔާ، ހާއްޕެގެ ފައިގެ ކުޑަ ހުޅަށް އަނިޔާވީ، މިދިޔަ ހަފްތާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ބައްދަލުކުރި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން ހައެއްކަ މިނިޓަށް ވެފައި ވަނިކޮށް އަށިގަނޑުގައި އޭނާ ބާލަން ޖެހުނީ އެވެ.