ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރަ ވެސް ބޮޑުކުރަނީ
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 12:52
ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ "އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025" ފަަށަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނައިބުރައީސް ވިދާޅުވީ އިދާރީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ އިދާރާތަކަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އިންޓާނަލް އޮޑިޓަރުންގެ ދައުރު ބޮޑު ކަމަށެވެ. އިންޓާނަލް އޮޑިޓަރުންނަށް މަސައްކަތުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި މިއަދުގެ ސަރުކާރުން އެކަންކަމަށް ހާއްސަ އިސްކަމެެއް ދީގެން، އެކަންކަން ހައްލުކުރުމަށް މި ދަނީ މަސަައްކަތް ކުރަމުން. އެގޮތުން މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ހިއްސާކޮށްލަން،،" ނައިބު ރައީސް ވިދާޅުވި އެވެ.