ރާއްޖޭގެ ދަރަންޏަށް ލުއިދޭނެ ގޮތްތައް ޗައިނާއިން ކަނޑައަޅައިފި
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 3:25
ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް "ފައިނަލް ކޮށްފައިވާ" ކަމަށް އެގައުމުގެ ސަފީރު ކޮންގް ޝިއަންވާ ރޭ ވިދާޅުވެއްޖެ އެވެ.
"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގެ ނަމުގައި ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ވިދާޅުވީ ދަރަންޏަށް ލުއިދޭނެ ގޮތްތަކާ މެދު ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ރާއްޖެއިން އިތުބާރު ކުރާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖްމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމައަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާންކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން، ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާއިން ކުރާ އިތުބާރު،" ސަފީރު ވިދާޅުވި އެވެ.