ޕީސީއޯއެސްއާ ހެދި ފިޓްނެސްގައި މައު ކުރީ "ހަނގުރާމައެއް"
މިހާރު
3 އޮކްޓޯބަރު 2025 | ހުކުރު | 10:42
ޕީސީއޯއެސް ހުރެއޭ ބުނުމުން ގިނަ މީހުންގެ ދުލު ކުރީގެ ބަހަކީ ކަސްރަތުކުރާށެވެ. އޭރުން ބަރުދަން ލުއިވެ، މީހާގެ ހާލަތަށް ކުރިއެރުމެއް އައިސް، އާއްމު ދިރިއުޅުމަށް އެތައް ގޮތަކުން ފަސޭހަވެދާނެ އެވެ. އެކަމަކު، މައުޒާ މުހައިމިން ނުވަތަ އާއްމު ނަމުން ނަމަ މައުއާ ދިމާލަށް މީހަކަށް އެހެން ނުބުނެވޭނެ އެވެ.
ފިޓްނެސް ޓްރެއިނިން ހަދައިގެން، އެހެން މީހުން ފިޓް ކޮށްދޭން އުޅުނަސް 28 އަހަރުގެ ޒުވާނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބަރުދަން ލުއި ނުވުމެވެ. ޓްރެއިނާ ފިޓް ނޫނީ ކީއްވެ؟ މިފަދަ ސުވާލުތަކާ އެކު މީހުންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ދުވަސްތައް މަދެއް ނޫނެވެ.
މައު ބުނިގޮތުގައި މީގެ 10 އަހަރު ކުރިން ޕީސީއޯއެސްއަށް ޑައިގްނޯޒް ކުރެވުނުއިރު ވެސް އޭނާ އުޅުނީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެކެވެ. އެކަމަކު، ޑޮކްޓަރަށް ދެއްކުމުން ބަރުދަން ލުއިކުރަން އެންގި އެވެ. އޭރު ހުރީ 50 ކިލޯގަ އެވެ. ނަމަވެސް، އެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން އޭރު ރަނގަޅަށް ކިޔައިނުދިނުމުން ކުރިއަށްދާންވީ މަގެއް އޭނާއަކަށް ސާފެއް ނުވި އެވެ.