އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން ފޮނުވައިފި
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:32
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ގައި ހަމަވާތީ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން އެކަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.