ފެނަކައާ ގުޅޭ 161 މައްސަލައެއް ތަހުގީގު އެބަކުރަން، 21 މިލިއަން ހޯދަން އަންގާފައިވާނެ: އޭސީސީ
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:44
ފެނަކައާ ގުޅޭގޮތުން 161 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި ތަހުގީގުތަކަށްފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ޔުޓިލިޓީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުން އެ ކުންފުނީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ، އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނަށް ތަހުގީގު ކުރުމުގެ އިހުތިސާސް ލިބެނީ ކޮން މައްސަލަތަކެއްތޯ ބަލައި، ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.