އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން 123 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގިން: އޭސީސީ
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:53
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައެއް މިހާތަނަށް ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 123.7 މިލިއަން ރުފިޔާ އަނބުރާ ހޯދަން ކަމާގުޅޭ އިދާރާތަކަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައިގެ ތަހުގީގު ނިންމައި މިހާރު އޮތީ ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިވަގުތު 37 މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ކޮމިޝަނުގެ ގާނޫނާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި އެ ކޮމިޝަނުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަމަށް އެ ބަޔާނުގައި ބުންޏެވެ.