ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވުމުން އިންޑިއާގައި އެ ބޭސް މަނާކޮށް ތަހުގީގު ފަށައިފި
މިހާރު
3 އޮކްޓޯބަރު 2025 | ހުކުރު | 9:31
ކެއްސާތީ ދޭ ބޭހެއް ކަމަށްވާ "ކޮލްޑްރިފް" ސިރަޕް ބުއި ފަހުން އިންޑިއާގެ މަދިޔަ ޕްރެދޭޝް އާއި ރާޖަސްތާނުގައި ކުދިންތަކެއް މަރުވެ އެ ބޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުމުން ތަހުގީގު ފަށައިފި އެވެ.
މި ބޭސް ބުއި ހަ ކުއްޖަކު މަދިޔަ ޕްރަދޭޝްގައި މަރުވެފައިވެ އެވެ. މިދިޔަ 15 ދުވަސް ތެރޭ އެ ކުދިން މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. ހަމަ މި ބޭސް ދިން އިތުރު ދެ ކުއްޖަކު ރާޖަސްތާނުގައި ވެސް ވަނީ މަރުވެފަ އެވެ. އެ ސްޓޭޓްގައި މި ބޭހުން ކުދިން މަރުވެ އަދި ބަލިވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން އެއީ ރައްކާތެރި ބޭހެއްކަން ކަށަވަރުކޮށްދޭން އެ މީހުންގެ ކުރިމަތީ ބޭސް ބުއި ސީނިއާ ޑޮކްޓަރަކު އޭގެ އިރުކޮޅެއް ފަހު އޭނާގެ ކާރު ތެރޭ ޚަބަރު ހުސްވެފައި އޮއްވައި ވެސް ފެނިފައިވެ އެވެ.
މި ކުދިން މަރުވީ ކެއްސާތީ ދިން ބޭހަށް ފަހުގައި ކަމަށް ޝައްކުވީ ކުދިން މަރުވި ގޮތާ މެދު ސުވާލު އުފެދުމުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބެލި ބެލުމުގައި އެ ހުރިހާ ކުދިން ވެސް މި ބޭސް ބޭނުންކޮށްފައިވާކަން އެނގުމާ އެކުގަ އެވެ.