އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
މިހާރު
4 އޮކްޓޯބަރު 2025 | ހޮނިހިރު | 7:43
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސަރުކާރާ ދެކޮޅަށް ރޭ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި ބޮޑު އެއްވުން ވަކި ހިސާބަކުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން ލާފާއި އެއްވުމުގެ ބައިވެރިން ދާން ދިމާކުރި ހިސާބުންނެވެ. އެ ހިސާބުން ފުލުހުންނާއި އެމްޑީޕީގެ ބައިވެރިންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގައި 8 މީހަކު ހައްޔަރުކުރި އެވެ. އަދި އެއްވުން ކޮންޓްރޯލް ކުރަން ދޭތެރެދޭތެރެއިން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހަމުން ގެންދިޔަ އެވެ.
އެ ކުރިމަތިލުމުގެ ވަކި ހިސާބަކުން ފެނުނީ މުޒާހަރާގެ ތެރެއިން މީހަކު ފުލުހުންގެ ޝީލްޑެއް ހިފައިގެންދާ މަންޒަރެވެ. އެ މަންޒަރު އެކްސްގައި އާންމު ކުރުމަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.